އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސާވިތްރީ" ރާއްޖެ އަތުވެއްޖެ
07 އޭޕްރީލް 2019 16:30

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސާވިތްރީ" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އައިއެންއެސް ސާވިތްރީ ރާއްޖެއަށް ކުރާ މި ދަތުރުގައި، މިމަހު 08 އިން 12 އަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރު އެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް ސާވިތްރީ ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 12 ވަނަ ދުވަހު އެވެ.