ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފި
08 އޭޕްރީލް 2019 14:43

އަލްމަރުޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019، ނިންމާލައިފިއެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ މުބާރާތުގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ، މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއެއްގެ މަޤާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް ފަސްޓް ކުލާސް ޝަކީބު ޒުޙައިރެވެ. ދެވަނަ މަޤާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް މުއާވިޔަތު ޙަނީފެވެ. އަދި ތިންވަނަ މަޤާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް މުޙައްމަދު އަޝްރަފެވެ.

އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ޓީމް އިވެންޓް ފަޔަރިންތައް ކުރިއަށްދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ.

މިގޮތުން ގިންތި އެކެއްގެ އެއްވަނަ ޓީމުގެ މަޤާމު ހާސިލްކޮށްފައިވަނީ، ސްޕެޝަލް ފޯސަސް އެވެ. މި ގިންތީގެ ދެވަނަ ޓީމްގެ މަޤާމު ކޯސްޓްގާޑަށް ލިބުނުއިރު ތިންވަނަ މަޤާމް ލިބިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ޓީމަށެވެ.

މި މުބާރާތުގެ ގިންތި ދޭއްގެ އެއްވަނަ ޓީމުގެ މަޤާމް ހާސިލްކޮށްފައިވަނީ ޕްރެޒިޑެންޝަލް ގާޑްސްގެ ޓީމެވެ. މި ގިންތީގެ ދެވަނަ ޓީމުގެ މަޤާމް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕަށް ލިބިފައިވާއިރު ތިންވަނަ މަޤާމް ލިބިފައިވަނީ ޑިފެންސް އިންޓެލިޖަންސް ސަރވިސް  އަށެވެ.

މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން މިމަހު 08 ގެ ނިޔަލަށް ބޭއްވި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

މިއަދު މި މުބާރާތުގެ ފައިނަލްގައި ބަޑިޖަހައި އެންމެ މަތިން މާކްސް ހޯދި ބަޑިޖެހުންތެރިންގެ ޓާރގެޓުތަކުގައި ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސޮއިކުރައްވާފައެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވަމުންގެންދާ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ސިފައިންނާއި އެހެނިހެން ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލައްވާފައިވެއެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ލަވައިންނެވެ.