ކުޑަކުދިންގެ ހަވީރަކާއި އެކު ސިފައިންގެ ފޮޓޯ މަޢުރަޒު، ހުޅުމާލެ ރެހެންދި ސްކޫލްގައި ބާއްވާގޮތަށް ހަމަޖެހިއްޖެ
16 އޭޕްރީލް 2019 11:24

ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ 23 ވަނަ ސިފައިންގެ ފޮޓޯ މައުރަޒު ކުޑަކުދިންގެ ހަވީރަކާއި އެކު ހުޅުމާލެ ރެހެންދި ސްކޫލް ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހަގެ 18 ވާ ބުރާސްފަތި އަދި 19 ވާ ހުކުރު ދުވަހުއެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި، ރައްޔިތުންގެ ފުރާނަޔާ މުދާ ސަލާމަތްކުރުމަށް އަދި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، ސިފައިން އިޖުތިމާޢީ ގޮތުން ބައިވެރިވެފައިވާ ހަރަކާތަކުގެ އިތުރުން، ސިފައިންގެ ތާރީޚާއި އަދި ސިފައިންގެ ތަމްރީންތަކާއި ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ.

މި ފޮޓޯ މައުރަޒު ހުޅުވިފައިހުންނާނީ އެޕްރީލު 18 ވަނަ ދުވަހުގެ ހަވީރު 16:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށެވެ. އަދި އެޕްރީލު 19 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ން 15:00 އަށް، ހަވީރު 16:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ފޮޓޯ މައުރަޒު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޮޓޯ މައުރަޒާ އެކު އެޕްރީލު 19 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ން 18:00 އަށް އެމްއެންޑީއެފް މާލެ އޭރިއާގެ ކުޑަކުދިންގެ ހަވީރު ރެހެންދި ސްކޫލުގެ އޯޕަން އޭރިއާގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި ސިފައިން ބޭނުން ކުރާ ބައެއް އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.