ކަނޑު ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން
20 އޭޕްރީލް 2019 19:10

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ އިދާރާއިން ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީއާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ކަނޑު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރަމެވެ. މިގޮތުން ދަތުރުކުރައްވާ ނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވަމެވެ. އަދި ރޭގަނޑު ދަތުރުތައް ކުރައްވާނަމަ، އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑަށް އަންނަނީ ލިބެމުންނެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަން ލާފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރަމެވެ.

މީގެއިތުރުން ޑައިވިންގ ކުރުމާއި، އެހެނިހެން މޫދު ކުޅިވަރުތައް ރާވާހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާހިންގެވުމަށް އިލްތިމާސްކުރަމެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ދަންނަވަމެވެ.


Video : 4th Indian Ocean Conference...