ދަތުރުކުރަމުންދިޔަ ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެންގޮސްދީފި
21 އޭޕްރީލް 2019 05:33

ވިއެޓްނާމް އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މަލްޓަރގެ "އެމްވީ ޖޭޑް ޑީ" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެެފް އުޅަނދަށް ނަގާފައެވެ.

ފިލިޕީންސްއަށް އުފަން އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ހަކުރާ" ލޯންޗުގައި ހިތަދޫއަށް ގެންގޮސްދީފައި ވަނީ މިރޭ 4:45 ހާއިރުއެވެ.

ސިއްހީ އަވަސް ފަރުވާ ދިނުމަށް މި މީހާ ހިތަދޫއަށް ގެނެސްދީފައިވަނީ މެއަށް ތަދެއްއަރައި ނޭވާލާން އުނދަގޫ ވުމުނެވެ.


Video : 4th Indian Ocean Conference...