ސިފައިންގެ ދުވަހުގެ ރަސްމީ ޚާއްޞަ ޖަލްސާ ބާއްވައިފި
23 އޭޕްރީލް 2019 23:30

127 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ރަސްމީ ޚާއްޞަ ޖަލްސާ މިރޭ ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެހައި ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ ބިނާކުރުމުގެ މަސައްކަތް ކުރަނީ މި ޤައުމުގެ މައިބަދައަކީ ދިވެހި ޢަސްކަރިއްޔާ ކަމުގައި ބަލައިގެންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސިފައިންނަކީ، ޢިލްމީ ގޮތުންނާއި ފަންނީ އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް، ސިފަވަންތަ ބަޔަކަށް ހެދުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިރޭ އިފްތިތާޙް ކުރި ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ސިފައިންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ސަލާމަތީ މަސްރަޙަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ދިމާވާ ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލެވޭނެ ގޮތަށް، ދިވެހި ޢަސްކަރިއްޔާގެ އިސްތިރާޖީ ކުރިމަގުވެސް ބައްޓަންވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ، އިންޞާފުގެ މަގަށް މުޅި ޤައުމު އަނބުރާ ގެނައުންކަން ފާހަގަކުރައްވާ ސިފައިންގެ ތެރޭގައިވެސް، އެންމެންނާމެދު ޢަމަލުކުރެވޭނީ ޢަދުލު އިންޞާފާއި ހަމަހަމަކަމާ އެކުގައިކަން ކަށަވަރު ކުރުމަށްޓަކައި ލިޔެވިފައި އޮންނަ ޑޮކްޓްރީންއެއްގެ ހިޔާވަހިކަން ލިބުމަކީ ޢަސްކަރިއްޔާއަކަށް ވަރަށް ބޭނުންތެރި ކަމެއްކަމަށް ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތް ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ލިބެމުން އެދަނީ، ސިފައިންގެ ވަރަށް މަތީ ޤުރުބާނީތަކެއްގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަކީ، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ތިބޭ ތިބުންކަމަށާއި ދެވަނަ ކަމަކީ، ޢާއިލާއާއި އަނބިދަރީންނާ ދުރުގައި އެތައް ދުވަހެއް ވަންދެން ހޭދަކުރަން ޖެހުންކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ސިފައިންގެ އަސާސްތަކަކީ ކޮންމެ ސިފައިންގެ މީހެއްގެ ހިތުގައި، ތާއަބަދުމެ ބިންވަޅު ނެގިފައި އޮންނަންޖެހޭނެ ޢަސްކަރީ އަސާސްތައްކަން ފާހަގަކުރައްވާ ޝަރަފުވެރި ސިފައިންގެ މީހެއްގެ ގޮތުގައި ދެމިހުންނަން އެދޭނަމަ، ހުރިހާ ސިފައިންގެ ހިތްތަކުގައި އެ އަސާސްތައް ސާބިތުކަމާއެކު ހަރުލެއްވުމަށް، އެންމެހާ ސިފައިންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ސިފައިންނަށް މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ނުގުޑާ ފަދަ ޢަޒުމެއްގައި، ސާބިތުވެ ތިއްބެވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓަރިން ކޮމާންޑް ފޮތް ވަނީ ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މި ޖަލްސާގައި ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި 127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ސިފައިންނާއި ސިފައިންގެ ލޮބުވެރި ޢާއިލާތަކަށް ދުވަހުގެ ތަހުނިޔާ ވަނީ ދަންނަވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ދިވެހި އަސްކަރިއްޔާ އަކީ ޒަމާނީ އަސްކަރިއްޔާއަކަށް ހެދުމަށް ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހި ސިފައިންގެ ހުނަރު އިތުރުކޮށް، އިތުރަށް ޕްރޮފެޝަނަލައިޒްކުރުމާއި އިތުރު ތަމްރީނުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. ދިވެހި ސިފައިންގެ ވެލްފެއަރގެ ކަންކަން އިތުރަށް ފުޅާކޮށް ކެންޓޯންމަންޓް ސްޓައިލް އެކޮމަޑޭޝަން، ސިފައިންގެ ޢާއިލާތަކަށް ލިބިދިނުމުގެ ވިސްނުން ހަޤީޤަތަކަށް ހެއްދެވުމަށްވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އިތުރަށް ވާހަކަފުޅު ދައްކަވަމުން، ދިވެހި އަސްކަރިއްޔާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެގޮތަށް، ބޭނުންވާ އިކްއިޕްމަންޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި  އަސްކަރިއްޔާއަކީ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ އަދި ޖަވާބުދާރީވާ އަސްކަރީ ފައުޖަކަށް ހެދުމަށް މިރޭ ތައާރަފް ކުރެވުނު ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރީން އަކީ ލަނޑުދަނޑި ހާސިލްކުރުމުގެ މުހިއްމު ވަސީލަތަކަށް ވެގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި މަރުހަބާއާ ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ދިވެހި އަސްކަރިއްޔާ އަކީ މި ޤައުމުގައި އޮތް އެންމެ ގިނަ ދުވަސްވީ އެންމެ ކަރާމާތްތެރި އެއް މުއައްސަސާކަން ލޮބުވެތި ރައްޔިތުން ޝައްކެއް ނުކުރައްވާނެކަން ފާހަކުރެއްވިއެވެ. އަދި މި މުއައްސަސާއަކީ މި ލޮބުވެތި ވަޠަންގެ މިނިވަންކަމުގެ އައްޑަނަކަމަށާއި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ހިމާޔަތުގެ އައްޑަނަކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. ސިފައިންގެ ތެރޭގައި އިންސާފާއި ހަމަހަމަކަމާއި އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކޮށް ޤާއިމުކުރުމުގެ އިތުރުން އާންމު ރައްޔިތުންނާ އޮންނަ ގުޅުން އިހުނަށްވުރެ ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ގެންދަވަނީ ވަރަށް ގާތުން ކަންކަން ބައްލަވަމުންކަން ފާހަގަކުރައްވާ ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ނަންފުޅުގައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ކަންކަން ހަމަޖައްސަވައިދެއްވުމުގައި ޢިއްޒަތްތެރި ދިފާޢީ ވަޒީރު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅާއި ދެއްވި އިސްކަން ފާހަގަކުރައްވާ އެކަމަނާއަށްވެސް ވަނީ ޝުކުރު ދަންނަވާފައެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާގައި ފާއިތުވި އަހަރު ސިފައިންގެ ޔުނިޓްތަކުގެ ތެރެއިންނާއި ސިފައިންގެ ތެރެއިން އެންމެ ފަޚުރުވެރި ކާމިޔާބީތައް ހާސިލްކޮށްފައިވާ ފަރާތްތަކަށް ޝަރަފުގެ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.

މި ޖަލްސާގައި ސިފައިންގެ ޤައުމީ ޚިދުމަތުގައި ކުރަމުންދާ މަސައްކަތްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ޝަރަފުގެ އައްޑަނައާ ލިޔުން ވަނީ ދެއްވާފައެވެ. އެފަރާތްތަކަށް އައްޑަނައާ ލިޔުން ޙަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

ސިފައިންގެ ޤައުމީ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތުގައި، ސިފައިންނާއި ޢާންމު ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހި ކުރުމާއި ސިފައިންގެއަށް ރީތިނަން ހޯދައިދިން ޔުނިޓްތަކަށް އަގުވަޒަންކުރުމުގެ ލިޔުންވެސް މި ރަސްމިއްޔާތުގައި ވަނީ ދެއްވާފައެވެ. އެފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. 

127 ވަނަ ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ ނިމިގެންދިޔައީ ކުރެވުނު ޚާއްސަ ދުޢާ އަށްފަހު ސިފައިންގެ ލަވައިންނެވެ.

މި ޖަލްސާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުރަހީމް ޢަބްދުއްލަތީފް އާއި ދަޢުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ސިފައިންގެ ޚިދުމަތުން ޝަރަފުވެރި ކަމާއެކު ރިޓަޔަރ ކުރައްވާފައިވާ އިސް ޚިދުމަތްތެރިންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ

.


Video : 4th Indian Ocean Conference...