ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، ޚިދުމަތުގެ އަގުވަޒަންކުރުމުގެ ޖަލްސާ ބާއްވައިފި
24 އޭޕްރީލް 2019 23:48

127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ޚާއްޞަ ޖަލްސާ މިރޭ ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ކީރިތި ޤުރުއާންގެ ބަރަކާތުން ފެށި މި ޖަލްސާގައި މަރުޙަބާއާއި ޝުކުރު ދެންނެވީ،  ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅަށްފަހު، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ "އަސްކަރީ ތާރީޚް" ފޮތުގެ ތިންވަނަ އަދަދު ނެރެދެއްވާފައެވެ. އަދި، ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތަކަށް ދެވޭ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ފިލާ އެކަމަނާ ވަނީ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.

ހިންގުމުގެ ދާއިރާއިން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފު ކުރައްވަވާފައިވާ މަސައްކަތްޕުޅު ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ފިލާ މިރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ފިލާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އޭގެ އިތުރުން، ސިފައިން ޤައުމީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި، ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތަކަށް ދެވޭ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުމާއި ސިފައިންގެއަށް އެންމެ ފުރަތަމަ ރެކުރޫޓް ކުރެވުނު ކަނބަލުންގެ ތެރެއިން މިހާރު ވެސް ޚިދުމަތުގައި ތިއްބެވި ދެ ކަނބަލުންނަށް ޚިދުމަތުގެ ޚާއްޞަ ލިޔުން ހަވާލުކޮށްދެއްވީ ވެސް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ޖަލްސާގައި، ސިވިލް ސްޓާފުންނަށް ދެވޭ އަގުވަޒަން ކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ. އެއަށްފަހު އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ސިފައިންގެ ތެރެއިން އިންޑިވިޖުއަލް މެރިޓޯރިއަސް އެވޯޑް ލިބިލައްވާ ފަރާތްތަކަށް ކޮމަންޑޭޝަން ލެޓަރ ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުރަޙީމް ޢަބްދުއްލަޠީފާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

މި ޖަލްސާގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ސިފައިންގެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތައް ވަނީ ބައިވެރިވެލައްވާފައެވެ. މި ޖަލްސާ ނިންމާލާފައިވަނީ ޚާއްޞަ ދުޢާއަށް ފަހު ސިފައިންގެ ލަވައިންނެވެ.


Video : 4th Indian Ocean Conference...