ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ޑްރިލް ޑިސްޕްލޭ، ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި
26 އޭޕްރީލް 2019 18:31

127 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތާ ގުޅިގެން މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ޑްރިލް ޑިސްޕްލޭގެ ހުށަހަޅައިދިނުން، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

މިއަދު ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭގެ ހެވިކަމުގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޑްރިލް ޑިސްޕްލޭގެ ހެވިކަން ބަލާލުމަށް ޖުމްހޫރީ މައިދާނަށް، އާންމުންގެ ގިނަ ފަރާތްތަކާއި ގިނަ އަދަދެއްގެ ކުޑަކުދިން ޖަމާވިއެވެ. އަދި، އެ ސަރަޙައްދަށް ޖަމާވި ކުޑަކުދިންނާއި އާންމުން، ޑްރިލް ސްކޮޑާ އެކު ފޮޓޯނެގުމުގެ ފުރުޞަތު ހުޅުވާލިއެވެ.

127 ވަނަ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ޑްރިލް ސްކޮޑުން ވަނީ މި ހަފުތާގެ ތެރޭގައި ހުޅުމާލެ އާއި ވިލިމާލޭގައި ޑްރިލް ޑިސްޕްލޭގެ ހެވިކަން ބާއްވާފައެވެ. އަދި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޑްރިލް ޑިސްޕްލޭއަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.