މާލެ ސިޓީގެ މޫކައި ސުއިޓްސްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
07 މެއި 2019 23:54

މާލެ ސިޓީ މޫކައި ސުއިޓްސްގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިރޭ 09:34 ހާއިރު ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި އަލިފާން ރޯވެފައި ވަނީ މޫކައި ސުއިޓްސްގެ ފުރަތަމަ ފަންގިފިލާގައި ހުރި ކޭބަލްތަކެއްގައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެ އިމާރާތުގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ މިރޭ 09:58 ހާއިރުއެވެ.

މިހާދިސާގައި އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ އިމާރާތަށާއި ކޭބަލްތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.