ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދޯންޏެއް ހާލުގައި ޖެހިފައިވަނިކޮށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހޯދައިފި
04 ޖޫން 2019 00:37

ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "އުފުރިޔާ" ނަމަކަށް ކިޔާ ދޯންޏެއް ހާލުގައި ޖެހިފައި ވަނިކޮށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން ހޯދައިފިއެވެ.

މާލެ އިން ފުރައިގެން އައްޑޫސިޓީ އަށް ދަތުރު ކުރި 33 ފޫޓުގެ މި ދޯނި ގެއްލިގެން މިކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 17:20 ހާއިރުއެވެ. މިކަމުގެ ރިޕޯރޓް ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗު، މި ދޯނި ހޯދުމަށްޓަކައި ވަނީ މަސައްކަތް ފަށާފައެވެ.

ކަނޑުގަދަވެ، މޫސުން ގޯސްވުމާއެކުގައި، މި ދޯނި ހޯދުމަށްޓަކައި މާލެ އިން ފުރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދުޢަލީ ވެސް ހަރަކާތްތެރިވަމުންދަނިކޮށް، މި ދޯނި ފެނިފައިވަނީ ދޯނި ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗަށް، މިރޭ 22:30 ހާއިރު، ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި އޮއްވައެވެ.

އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައި އޮތް "އުފުރިޔާ" ދޯނި ފެނުނު އިރު އޭގައި ތިން ދިވެހިން ތިއްބެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ. ދޯނީގެ ވެރިފަރާތުން ދޯނި ކަފުޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން މިވަގުތު އެފްއައިސީ "މާފަތް" ލޯންޗް ދަނީ މި ދޯނި ކައިރީ ހަރަކާތްތެރިވަމުންނެވެ. މި ދޯނި އޮތް ސަރަހައްދުން ދޯންޏަށް ފޯނުން ގުޅުމުގައި ފޯނު ރޭންޖުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.


Video : 4th Indian Ocean Conference...