މޫސުން ގޯސްވުމުގެ ސަބަބުން ނަގިލި ކަހާލައި ގަލަކަށް އެރި ސަފާރީއަކަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
04 ޖޫން 2019 13:18

މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން، މ.ނާލާފުށީ ފަޅުތެރޭގައި އަޅާފައި އޮތް "ކަރޕެޑިއަމް" ނަމަކަށް ކިޔާ ސަފާރީއެއްގެ ނަގިލި ކަހާލައި ގަލަކަށް އެރުމާ ގުޅިގެން އެ ސަފާރީއަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 06:19 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ މ.މުލީ ޕޯސްޓްގައި ޤާއިމްވެފައިތިބި ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި، އެ ސަރަޙައްދަށް ދިޔަ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު، ސަފާރީގެ ވެރިފަރާތާ ގުޅިގެން ކުރި މަސައްކަތުން އެ ސަފާރީގެ ވަށައިގެން ހަން ބައްދައި، ދިޔަވަރު ބޮޑުވުމުން، ސަފާރީ ފުންކުރެވިފައިވަނީ މިއަދު ހެނދުނު 09:40 ހާއިރުއެވެ.

މި ހާދިސާ ހިނގިއިރު، 17 ފަތުރުވެރިންގެ އިތުރުން، 13 ފަޅުވެރިން އެ ސަފާރީގައި ތިއްބެވެ. ފަޅުވެރިންގެ ގޮތުގައި 8 ދިވެހިންނާއި 5 ބިދޭސީން ހިމެނެއެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.


Video : 4th Indian Ocean Conference...