ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވް ގެ ދެވަނަ ޕްރެކްޓިކަމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
23 ޖޫން 2019 19:45

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވް (ޑީޑީއާރއައި)ގެ ދެވަނަ ޕްރެކްޓިކަމްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު ބަންޑާރަކޮށީގައި ބާއްވައިފިއެވެ.

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިސްނެންގެވުމާއި އެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލިއްޔަތާއި ފޯކަސް އިތުރުކޮށް، އިދާރީ ހިންގުން ހަރުދަނާކޮށް، ބަދަލުވަމުންދާ އިސްތިރާޖީ މާޙައުލަށް ފަރިތަ، ޕްރޮޕެޝަނަލް ޒަމާނީ އަސްކަރިއްޔާއެއްގެގޮތަށް އެމްއެންޑީއެފް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތެކެވެ. މިމަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އާލާތްތައް ދެނެގަނެ އެކަށައެޅުމާއި، އިދާރީ އަދި އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރަން ބޭނުންވާ އުސޫލުތަކާއި އިޖުރާޢަތްތައް ކަނޑައަޅާ އެކުލަވާލުމުގެ މަސައްކަތްތައް ހިމެނެއެވެ.

މިއަދުގެ މިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ބައިވެރިންނާއި މުހާތަބުކުރައްވާ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރގެ ވާކަހަފުޅުގައި، ކަނޑައެޅި ލިޔެވިފައިވާ ހަރުދަނާ އުސޫލުތަކެއް އޮތުމަކީ މުހިއްމުކަމެއްކަންވަނީ ފާހަގަކުރައްވާފައެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ޤާނޫނީ އަދި އަސްކަރީ ދާއިރާތައްފަދަ ދާއިރާތަކުގައި، ކަނޑައެޅި  ޢާއްމުކުރެވިފައިވާ ސިޔާސަތުތަކެއް ހުރުމަކީ ކޮންމެހެންވެސް ލާޒިމްކަމެއްކަމަށާއި، މިހެން ނޫންނަމަ، މީހުންގެ ކިބައިގައި ހިތްނުތަނަވަސްކަމާއި ޝައްކު އުފެދުމުގެ ފުރުޞަތު އިތުރުވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އިތުރަށް ވާހަކަފުޅުދައްކަވަމުން، މިހާރު އެކުލަވާލެވޭ އުސޫލުތަކާއި ސިޔާސަތުތައް ވާންޖެހޭނީ މުސްތަޤްބަލުގައި މުޢައްސަސާ ހިންގަންތިބޭނެ އަދުގެ ޒުވާން ޖީލުތައް ބަލައިގަންނަ، އަދި އެފަރާތްތައް ޝާމިލްވާ ސިޔާސަތުތަކެއްކަމަށާއި، މިފަދަ ސިޔާސަތުތައް އެކުލަވާލުމުގައި މުޢައްސަސާގެ އެންމެހާ ފަރުދުންގެ ޚިޔާލު ހޯދުމަކީ މުހިއްމުކަމެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޤާބިލިއްޔަތު އިތުރުކުރުމަކީ އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަނގަކުރައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ.

މިރަސްމިއްޔާތުގައި އަސްކަރިއްޔާތަކުގައި ޑޮކްޓްރިންތައް އެކަށައެޅި އޮތުމުގެ މުހިއްމުކަމުގެ މައްޗަށާއި، ޑޮކްޓްރިންއެއް އޮތުމުން ލިބޭ ފައިދާތަކުގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުވަނީ އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި އަދުގެ އިސްތިރާޖީ މާޙައުލުގައި މަސައްކަތްކުރާއިރު، ރައްޔިތުން ބަލައިގަންނަ ޕްރޮފެޝަނަލް އަދި ޒިންމާދާރު ޚިދުމަތެއް ފޯރުކޮށްދިނުމުގެގޮތުން ހަރުދަނާ އުސޫލުތަކާއި ނިޒާމުތައް ކަނޑައެޅިފައިހުރުމަކީ މުހިއްމުކަމެއްކަމުގައި ވިދާޅުވެފައިވެއެވެ. ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވާހަކަފުޅުދައްކަވަމުން، ޤައުމީ ދިފާޢީ ބާރު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ޑިފެންސް މިނިސްޓަރ ބަހައްޓަވާ އަހަމިއްޔަތާއި، ފޯރުކޮށްދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައިވަނީ އެންމެހާ ސިފައިންގެ ނަމުގައި  ޝުކުރު އަދާކުރައްވާފައެވެ.    

މި ޕްރެކްޓިކަމްގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 17-23 ގެ ނިޔަލަށެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ޖެނެރެލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންގެ އިތުރުން ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ސީނިއަރ އެންލިސްޓެޑް ރޭންކްތަކުގެ ސިފައިން ބައިވެރިވެވަޑައިގެންފައިވެއެވެ.