އެކްސަސައިޒް "ރަންނަމާރި ހަންޓް 2019" ކާމިޔާބުކަމާ އެކު ނިންމާލައިފި
27 ޖޫން 2019 14:55

ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް" ގެ މިއަހަރުގެ ސިލްސިލާ ކާމިޔާބުކަމާ އެކު މިއަދު ނިންމާލައިފިއެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާގެ ބައެއް ރަށްތަކުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒް ފެށީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 08:30 ގައެވެ. މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒްގެ ތަމްރީނުތައް ބާއްވާފައިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ބައެއް ރަށްތަކާއި، އެ ސަރަޙައްދުތައް ހިމެނޭ ކަނޑުގެ ސަރަޙައްދުތަކުގައެވެ. މި ދެ އޭރިއާގައި ގުޅިގެން ކުރިއަށްގެންދިޔަ އެކްސަސައިޒްގައި، އެމްއެންޑީއެފް މާލޭ އޭރިއާގައި ކުރިއަށްދިޔަ ތަމްރީނުތައް، މާލެ، ހުޅުލޭ، ހުޅުމާލެ އަދި ކ.ތިލަފުށި ސަރަޙައްދުގައި ބޭއްވިއިރު، އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ. އަތޮޅުގެ ބައެއް ސަރަޙައްދުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.

އެކްސަސައިޒް "ރަންނަމާރި ހަންޓް" ގެ "ފައިނަލް އެކްސަސައިޒް" ބާއްވާފައިވަނީ، ރ.ކިނޮޅަހުގައެވެ. އޭގެ އިތުރުން، މި އެކްސަސައިޒްގެ ބައެއް ތަމްރީނުތައް، މާލެ ސަރަޙައްދުގަ އާއި، ރ.އިނގުރައިދޫ އާއި، ރ. މީދޫގައި ކުރިއަށްގެންގޮސްފައިވެއެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމްޕޯނަންޓްތައް ގުޅިގެން ކުރިއަށްގެންދިޔަ އެކްސަސައިޒް "ރަންނަމާރި ހަންޓް 2019" ގެ ތަމްރީނުތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އިއްޔެ ރ. އަތޮޅަށް ޒިޔާރަތްކުރައްވާފައެވެ. އަދި، ރޭ މެންދަމު ރ.ކިނޮޅަހުގައި ފެށި "ފައިނަލް އެކްސަސައިޒް" ކުރިއަށްދިޔަ އިރު، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ފީލްޑަށް ނިކުމެވަޑައިގެން، އެކްސަސައިޒްގެ ތަމްރީނުތައް ކުރިއަށްދިޔަ ގޮތް ބައްލަވާލައްވައި، އިރުޝާދު ދެއްވާފައެވެ.

އެކްސަސައިޒް "ރަންނަމާރި ހަންޓް" ކުރިއަށްދިޔައިރު، ރ.އިނގުރައިދޫ އާއި، ރ. މީދޫ އަދި ރ.ކިނޮޅަހުގެ ރަށު ކައުންސިލްތަކާއި، އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އެކްސަސައިޒްގެ އޮޕަރޭޝަންތައް ކުރިއަށްގެންދިޔުމުގައި އެމްއެންޑީއެފަށް އެހީތެރިކަމަކާއި އެއްބާރުލުމެއް ވަނީ ލިބިގެންގޮސްފައެވެ.

އެކްސަސައިޒް "ރަންނަމާރި ހަންޓް" އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކްތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ސިފައިންގެ ލެވެލްގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ.


Video : 4th Indian Ocean Conference...