ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ދޯންޏެއް ފެންމަތި ކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
02 ޖުލައި 2019 13:36

ކ.ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ މުދާ އުފުލާ ދޯންޏެއް ފެންމަތި ކުރުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ އިއްޔެ ހަވީރު 17:55 ހާއިރުއެވެ.

70 ފޫޓްގެ "ލަޔަންސް" ނަމަކައްކިޔާ މުދާ އުފުލާ މި ދޯނި އަޑިއަށްދިޔާއީ ކާށިދޫގެ ފަޅުން ނިކުންނަށް އުޅުމުގެ ތެރޭގައި ދޯނީގެ ހުންގާނު ފެއިލްވެ ދޯންޏަށް ރާޅެއް އަރައިގެން ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ހާދިސާ ހިނގި ވަގުތު ކާށިދޫގެ ދެ ދޯންޏެއްގެ އެހީތެރިކަމާއެކު "ލަޔަންސް" ދޯނި ކާށިދޫޫ ފަޅުތެރެއަށް ވައްދާ ދޯނީގައި ހުރި މުދަލާއި ތަކެތި ރައްކާތެރިކަމާއެެކު ވަނީ ހުސްކޮށްފައެވެ.

ހަތަރު ދިވެހިންނާއި ބިދޭސީއަކު ދަތުރުކުރި މި ދޯނި ފެން މަތި ކުރުމުގެ މަސައްކަތް، ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން އަންނީ ކުރަމުންނެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.


Video : 4th Indian Ocean Conference...