ބާޖަކަށް ދިޔަ ވާތީ އެމްއެންޑީއެފް މާލޭ އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
05 ޖުލައި 2019 12:11

ކ.ފޭދޫފިނޮޅު ކައިރީ ބަނދަރުކޮށްފައި އޮތް "މެރިން ޕަވަރ 2318" ނަމަކަށް ކިޔާ ބާޖަކަށް ދިޔަ ވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު 10:16 ހާއިރު ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ޑައިވަރުންނާއެކު ވަނީ އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ބާޖަށް ދިޔަވެފައިވަނީ ބާޖުގެ ބަލާސްޓް ޓޭންކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބާޖުގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ބާޖުގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު ޑައިވަރުން އަންނަނީ ބާޖުގެ އެއްވެސް ދިމާލެއް ފަޅައިގެން ގޮސްފައިވޭތޯ ބަލަމުންނެވެ.

މި ބާޖަކީ މިއަދު ހެނދުނު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި ބާޖެކެވެ. މި ބާޖުގައި 10 ބިދޭސީން ތިބި އިރު އެއްވެސް މުދަލެއް ނެތެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.


Video : 4th Indian Ocean Conference...