ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
10 ޖުލައި 2019 12:32

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މަސްބޯޓުތައް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ވ.ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުންނެވެ. މި މަސްބޯޓުތައް ފެނިފައި ވަނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި މިމަހުގެ 8 ން 10 އަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ ޑޯނިއަރ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިންނެވެ.

ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މި ހަތަރު މަސް ބޯޓް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.