އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހިންގި އެކްސަސައިޒް "ރަންނަމާރި ހަންޓް 2019 - 2" ކާމިޔާބުކަމާ އެކު ނިންމާލައިފި
11 ޖުލައި 2019 19:20

ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް 2019- 2" އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ކާމިޔާބުކަމާ އެކު މިއަދު ނިންމާލައިފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ ސިފައިންނަށް އަމާޒުކޮށްގެން ހިންގި މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ މިމަހު 7 ން 11 އަށެވެ. މި ތަމްރީންތައް ހިންގާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫ އާއި އެ ސަރަޙައްދުގައި ހުރި މީހުން އުޅޭ ރަށްރަށުގެ އިތުރުން އެ ސަރަޙައްދު ހިމެނޭ ކަނޑުގެ ސަރަޙައްދުތަކުގައެވެ.

މި ތަމްރީންތަކުގެ "ފައިނަލް އެކްސަސައިޒް" ބާއްވާފައިވަނީ، ލ.ކަޅައިދޫގައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމްޕޯނަންޓްތައް ގުޅިގެން ކުރިއަށްގެންދިޔަ އެކްސަސައިޒް ގެ ތަމްރީނުތައް ބައްލަވާލެއްވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް ރަހީމް އަބްދުލް ލަތީފް ވަނީ ސެންޓްރަލް އޭރިއަށް ޒިޔާރަތްކުރައްވާފައެވެ. އަދި، މިއަދު ލ.ކަޅައިދޫގައި "ފައިނަލް އެކްސަސައިޒް" ކުރިއަށްދިޔަ އިރު، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ފީލްޑަށް ނިކުމެވަޑައިގެން، އެކްސަސައިޒްގެ ތަމްރީނުތައް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވައި އިރުޝާދު ދެއްވާފައެވެ. އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަރިހުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަޙްމަދު ޤިޔާޞް ބައިވެރިވެލެއްވިއެވެ.

އެކްސަސައިޒް "ރަންނަމާރި ހަންޓް" އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކްތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ސިފައިންގެ ލެވެލްގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްތައް ކުރިއަށް ގެންދިޔަ ރަށްތަކުގެ ކައުންސިލް އިދާރާތަކުންނާއި ސަރުކާރުގެ ވުޒާރާތަކާއި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ވަނީ ފޯރުކޮށްދީފައެވެ.