ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
19 ޖުލައި 2019 17:40

ކ.ގުޅިފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސް ދޯނީގެ ނަގިލި ނަގަން ފޭބި މީހާގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން އެމީހާ ފެނިއްޖެއެވެ.

މި މީހާ ފެނިފައިވަނީ މިއަދު 16:23 ހާއިރު ކަނޑުގެ 21 މީޓަރު އަޑިންނެވެ. މީމީހާ ހޯދުމަށް މިއަދު 09:00 އިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން އެމީހާ ނަގިލި ނަގަން ފޭބި ކަމަށް ދޯނީގެ ކެޕްޓަން ބުނި ސަރަޙައްދަށް ޑައިވަރުން ފައިބައިގެން އޭނާ ހޯދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މީހާ ހޯދުމަށްޓަކައި ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ތިން ޑައިވެއް ކޮށްފައެވެ.

ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 17:00 ހާއިރު މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

މި މީހާގެ ޚަބަރެއް ނުވެގެން މިއަދު ހެނދުނު 08:50 ހާއިރު "ސާހިބާ" ދޯނީގެ ފަރާތުން އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދިނުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ.


Video : 4th Indian Ocean Conference...