އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
30 ޖުލައި 2019 14:46

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ސޮއިކުރެއްވި ފަހުމުނާމާއަކީ، ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުންނަށް މަސައްކަތު ޢަމަލީ ތަޖުރިބާ ދިނުމަށް އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަނާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއެކެވެ. މި ފަހުމުނާމާގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ. އަދި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ރިޒްވީއެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެއްވި މި ފަހުމުނާމާގެ ދަށުން، ސިފައިންގެ ވައިގެ ޚިދުމަތް ފުޅާކޮށް، ކުރިމަގުގައި ސިފައިންގެއަށް ގެނެވޭ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއަރކްރާފްޓް އިންޖިނިއަރުން އުފެއްދުމާއި، ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުންނަކީ ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ޤާބިލުކަން ލިބިފައިވާ ސިފައިންނަށް ހެދުމަށް ދެފަރާތުގެ އެހީތެރިކަން ހޯދުމަށް މި ފަހުމުނާމާގައި ހިމެނިފައިވެއެވެ.

އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ފަހުމުނާމާގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ރިޒްވީއާއި، އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި، އެ ކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.


Video : 4th Indian Ocean Conference...