ވިލިމާލެއިން ކެނޯ ދުއްވުމަށް ނުކުތް ދެމީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
11 އޯގަސްޓް 2019 18:06

ވިލިމާލެ އިރުދެކުނު ފަރާތަށް ކެނޯ ދުއްވުމަށް ނުކުތް ދެމީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިރޭ 20:54 ހާއިރުއެވެ. މި ދެމީހުންގެ ތެރެެއިން އެކަކު ލައިގެން ހުރީ ފެހި ކުލައިގެ ޓީޝާޓެއް ކަމަށާއި ދެވަނަ މީހާ ލައިގެން ހުރީ ނޫ ކުލައިގެ ޖާޒީއެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި ކެނޯއަކީ އޮރެންޖް ކުލައިގެ ކެނޯއެކެވެ. މި ދެމީހުން ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް ވެލާނާ ލޯންޗާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ދެ ދެމީހުންނާއި، ކެނޯއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ބައްލަވާ ދެއްވުމަށާއި މި ދެމީހުންނާއި ކެނޯއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަންބަރު 191 އަށް، ގުޅުއްވައި ދެއްވުމަށް އެދެމެވެ.


Video : 4th Indian Ocean Conference...