މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން
13 އޯގަސްޓް 2019 10:00

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށް ވެފައި، އަދި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް އައްނަނީ ހިނގަމުންނެވެ. މިގޮތުން ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން އުޅަނދު ފަހަރު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ )އެމްއާރުސީސީ( އަށް ދަނީ ރިޕޯޓުތައް ލިބެމުންނެވެ.

ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރު ކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް ދަންނަވަމެވެ.

އަދި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާއިދު ތަކަށް އަމަލްކުރުމަށާއި އަދި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވަމެވެ. މީގެއިތުރުން ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެދެމެވެ.