ހަނިމާދޫ އަށް ދަތުރު ކުރި ކުޑަ ޑިންގީ ލޯންޗެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ އިން ހަރަކާތްތެރިވެއްޖެ
29 އޯގަސްޓް 2019 16:20

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫ އަށް ދަތުރު ކުރި ކުޑަ ޑިންގީ ލޯންޗެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރު 12:25 ހާއިރުއެވެ.

މި ޑިންގީ ބަންޑުން ޖަހާލިއިރު ޖުމްލަ 10  މީހުން ތިއްބެވެ. މީގެ ތެރޭގައި ފަސް ފިރިހެނުންނާއި ހަތަރު އަންހެނުން އަދި ކުޑަ އަންހެން ކުއްޖެއް ހިމެނެއެވެ. މިމީހުން ދަތުރުކުރަމުން ދިޔަ ޑިންގީ ބަންޑުން ޖަހާލާފައިވަނީ ހދ. ހަނިމާދޫ ހުޅަނގު ދެކުނު ފަރުމައްޗަށެވެ.

ކަނޑުވި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހާބަރު ކްރާފްޓް 103 ގެ އިތުރުން ސީއެމްބިއުލާންސް އަދި ޑިންގީ އެއް ވަނީ ހަރަކާތްތެރިވެފައެވެ. މި ކުރި މަސައްކަތުން އެމްއެންޑީއެފް ހާބަރ ކްރާފްޓުން ވަނީ 7 މީހުން ހޯދާފައެވެ. މީގެ އިތުރުން އާންމު ފަރާތަކުން ކުރި މަސައްކަތުން އިތުރު މީހުން ވަނީ ހޯދާފައެވެ. ކަނޑުވި ހުރިހާ އެންމެންނާއި ޑިންގީ ފެނިފައިވަނީ ހަނިމާދޫ ހުޅަނގު ދެކުނު ފަޅުތެރެއިންނެވެ. އަދި މި މީހުން ހޯދައި ހަނިމާދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހާއްސަ ނިއުސް ބްރީފިންގ އެއް ބާއްވާފައެވެ. މި ނިއުސް ބްރީފިންގައި މަޢުލޫމާތު ދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް މުޙައްމަދު ސަލީމް އާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ފާތިހުއެވެ.


Video : 4th Indian Ocean Conference...