ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ތަޤުރީރު ކުރައްވައިފި
04 ސެޕްޓެމްބަރ 2019 17:54

ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ތަޤުރީރު ކުރައްވައިފިއެވެ.

މިމަހުގެ 3 - 4 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ތަޤުރީރު ކުރައްވާފައި ވަނީ މިއަދު ހަވީރުއެވެ.

މި ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ސޯޝަލް މީޑިއާއާއި ޓެކްނޮލޮޖީގެ ސަބަބުން އިސްތިރާޖީގޮތުން ގައުމުތަކަށް އޮތް ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ސަރަހައްދުގެ ޤައުމުތަކަށް ދިމާވެފައިވާ ރެފިއުޖީންގެ މައްސަލަތަކަށް އަލިއަޅުވާލެއްވުމުގެ އިތުރުން މިކަންކަމުގެ ސަބަބުން މުސްތަގުބަލުގައި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވެސް ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ޓެރަރިޒަމާއި މަނީ ލޯންޑްރިންއާއި ޤާނޫނާއި ގަވާއިދާ ޚިލާފު ބާވަތްތައް ސްމަގުލް ކުރުމާއި ސައިބަރ ކްރައިމްއާއި ރޭވިގެން ކުރާ ކުށުގެ ޢަމަލުތައް، ލާމެހިފައިވާ ގުޅުމުގެ މައްޗަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިފަދަ ކުށުގެ ޢަމަލުތައް ހުއްޓުވުމަށް ގައުމުގެތަކުގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގެ މައްޗަށް އަލިއަޅުވާލެއްވުމުގެ އިތުރުން ހައްދުފަހަނައަޅައި ދިއުމާއި ހަމަނުޖެހުންތައް ހައްލުކުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކާއި މިނިސްޓްރީތައް ގުޅިގެން ކޮށްފައިވާ ތަޖްރިބާތައް ޗީފް އޮފް ޑިފެންސް ފޯސްގެ ތަޤުރީރުގައި ވަނީ ހިއްސާކުރައްވާފައެވެ.

މި ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި އަމަން އަމާންކަން ޤާއިމްކުރުމުގެ ފްރޭމްވޯކެއް އެކުލަވާލުމަށް ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމުގެ މަޤްސަދުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މިފަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ސެކިއޮރިންގ ދަ އިންޑިއަން އޯޝަން ރީޖަން - ޓްރެޑިޝަނަލް އެންޑް ނޮން ޓްރެޑިޝަނަލް ޗެލެންޖަސް"އެވެ. މިއީ އިންޑިއަން ފައުންޑޭޝަނާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ކޮންފަރެންސެކެވެ.

އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ޤައުމުތަކުން ބައިވެރިވި މި ކޮންފަރެންސްގައި ޔޫއޭއީ، އޮމާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ޓެންޒޭނިއާ، މިޔަންމާ، ޖަޕާން، ޕަޕުއާ ނިއުގިނީގެ އިތުރުން އިންޑޮނީޝިއާގެ ޑެޕިއުޓީ މިނިސްޓަރުންނާއި، އެމެރިކާ، ރަޝިޔާ، ޗައިނާ، ވިއެޓްނާމް އަދި މަޑަގަސްކަރައިން އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


Video : 4th Indian Ocean Conference...