ނަވާވީސް ވަނަ ޤައުމީ ކަސްރަތު މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ހޯދައިފި
08 ސެޕްޓެމްބަރ 2019 00:51

ނަވާވީސް ވަނަ ޤައުމީ ކަސްރަތު މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ހޯދައިފިއެވެ.

މިމަހު 5 އިން 7 އަށް ހުޅުމާލެ އެތުލެޓިކްސް ޓްރެކްގައި ކުރިއަށްދިޔަ ޤައުމީ ކަސްރަތު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވާފައިވާއިރު، މިމުބާރާތުގައި ވާދަކުރި ޑީއެސްސީގެ ޓީމު ވަނީ 18 ރަން މެޑައްޔާއި، 9 ރިހި މެޑައްޔާއި އަދި 5 ލޯ މެޑަލް ހޯދާފައެވެ.

މިމުބާރާތުގައި ޑީއެސްސީގެ ޓީމު ހޯދި ކާމިޔާބީތަކަށް ބަލާއިރެ، 100 މީޓަރ، 200 މީޓަރ، 400 މީޓަރ، 800 މީޓަރ، ދުވުން ވަނީ ރަން މެޑަލް ހޯދާފައެވެ.

އަދި 1500 މީޓަރ، 5000 މީޓަރ އަދި 10000 މީޓަރ ދުވުމުގެ އިވެންޓްގެ ހުރިހާ މެޑައްޔެއްވެސް ހޯދާފައިވަނީ ޑީއެސްސީގެ ޓީމުންނެވެ. ފިރިހެނުންގެ ލޯންގް ޖަމްޕާއި ޝޮޓްޕޮޓާއި ޖެވެލިންގ ތުރޯ އަދި 400 މީޓަރ ރިލޭ އިވެންޓުން ރަން މެޑައްޔާއި އަދި ލޯ މެޑަލް ވެސް ހޯދައި، ޑިސްކަސް ތްރޯ އިން ވަނީ ރިހި މެޑަލް ހޯދާފައެވެ. މީގެ އިތުރުން، އަންހެން އިވެންޓްތަކުގެ ތެރެއިން 100 މީޓަރ ދުވުމާއި، ޝޮޓްޕޮޓް އުކުމާއި އަދި ޑިސްކަސް ތްރޯ އިން ރަން މެޑަލް ހޯދާފައިވާއިރު، ޖެވެލިންގ ތުރޯއިން ވަނީ ރިހި މެޑަލް ވެސް ހޯދާފައެވެ.

މި މުބާރާތުގައި ވާދަކުރި، ޑީއެސްސީގެ ވެޓަރަންސް ޓީމު ވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން، ފިރިހެނުންގެ 100 މީޓަރ، 1500 މީޓަރ، އަދި 5000 މީޓަރ ދުވުމުން ރަން މެޑަލް ހޯދާފައިވާއިރު މި އިވެންޓްތަކުގެ ތެރެއިން 5000 މީޓަރ ދުވުމުން ރިހި މެޑަލް ވެސް ޑީއެސްސީގެ ޓީމު ވަނީ ހޯދާފައެވެ. އަދި އަންހެން ވެޓަރަންސް ޓީމުގެ އިވެންޓްތަކަށް ބަލާއިރު 5000 މީޓަރ ދުވުމުން ރަން މެޑައްޔާއި، އަދި 1500 މީޓަރ ދުވުމުން ރިހި މެޑަލް ވަނީ ހޯދާފައެވެ.

ޤައުމީ ކަސްރަބު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ، ދިވެހި ސިފައިންގެ ކްލަބެވެ. ދިވެހި ސިފައިންގެ ކްލަބު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް 14 ފަހަރު ހޯދާފައެވެ.


Video : 4th Indian Ocean Conference...