ސިފައިންގެ އިންޓަރ ޔުނިޓް 18 ވަނަ ވޮލީބޯޅަ މުބާރާތް ފަށައިފި
09 ސެޕްޓެމްބަރ 2019 19:48

ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދާ "އިންޓަރ ޔުނިޓް 18 ވަނަ ވޮލީބޯޅަ މުބާރާތް" ޒުވާނުންގެ މަރުކަޒުގައި މިއަދު ފަށައިފިއެވެ.  

މި މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި މުބާރާތުގައި 11 ޓީމަކުން ވާދަކުރާއިރު، ފަސް ޔުނިޓަކުން ވާދަކުރަނީ ކޮމްބައިން ޓީމުތަކުގެ ގޮތުގައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސް (އެފްއާރުއެސް)، ބޭންޑް އެންޑް މިއުޒިކް ވިންގު، މިލިޓްރީ ޕޮލިސް / ޑްރިލް ވިންގު (ކޮމްބައިން)، އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒް (އައިއެޗްކިޔު)، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ)، ޕްރެޒިޑެންޝަލް ގާޑްސް (ޕީޖީ)، ސްޕެޝަލް ފޯސަސް / ޑީއެސްސީ (ކޮމްބައިން)، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަދި މެރިން ކޯރ ހިމެނެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ބެލުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. އިންޓަރ ޔުނިޓް ވޮލީ ބޯޅަ މުބާރާތަކީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފަހުން ބޭއްވި އިންޓަރ ޔުނިޓް ވޮލީ ބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޜަންގެ ޗެމްޕިއަން ޓީމަކީ އެސްޕީޖީއެވެ. އަދި ދެވަނަ ޑިވިޜަންގެ ޗެމްޕިއަން ޓީމަކީ ދިވެހި ސިފައިންގެ ކުލަބެވެ.

 


Video : 4th Indian Ocean Conference...