މާލެ ސިޓީގައި ބޭނުންކުރާ 42 ތެޔޮ ބައުޒަރެއް ބަލާ ފާސްކޮށްފި
05 އޮކްޓޯބަރ 2019 15:05

މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް ހިންގި ޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން 42 ބައުޒަރެއް ބަލާ ފާސްކޮށްފިއެވެ.

މިމަހުގެ 2 ވަނަަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިލަށް މާލެ ސިޓީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ތެޔޮބައުޒަރުތަކުގައި ކަނޑައަޅާފައިވާ  ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ  ބަލާ ޗެކްކުރެވިފައިވެއެވެ. މި ބަލާފަސްކުރުމުގައި ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ވަނީ ހުއްދަ ދީފައެވެ.

ތެޔޮ ބައުޒަރުތައް ބަލާ ފާސްކުރުމަށް ހިންގި މި ޕްރޮގްރާމްގައި ފާހަގަ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި އުޅަނދުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި ބައުޒަރަށް ބޭނުންވާ އަލިފާންނިވިތައް ނެތުމާއި ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުންފަދަ ކަންކަން ފާހަގަކުރެވިފައި ވެއެވެ.


Video : 4th Indian Ocean Conference...