ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް ފޮނުވުމަށް ކަނޑައެޅިފައިވާ ރަށްތަކަށް ފޮނުވައިފި
07 އޮކްޓޯބަރ 2019 11:45

ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ، ރާއްޖޭގެ 14 ފަޔަރ ސްޓޭޝަނަށް ފޮނުވައި ނިންމާލައިފިއެވެ.

މި 14 ފަޔަރ ސްޓޭޝަނަށް ފޮނުވިފައިވަނީ 24 ވެހިކަލް އަދި 05 ލޯންޗެވެ. މި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑަރ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލުމުގެ ގާބިލްކަން ލިބިފައިވާއިރު ފޯރމް ޓެންޑަރ ވެހިކަލްގައި 200 ލީޓަރު ފޯރމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލެއެވެ.

ޖަޕާން ސަރުކާރުން ހަދިޔާ ކުރި ވެހިކަލްތަައް ފޮނުވިފައިވާ ރައްތަކަކީ މާލޭ، ހުޅުމާލޭ، ވިލިމާލެ، ހދ. ކުޅުދުއްފުށި، ޅ.ނައިފަރު، ތިލަފުށި، އދ.މާމިނގިލި، ފ.ނިލަންދޫ، ދ. ކުޑަހުވަދޫ، ލ.ކައްދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ.ހިތަދޫ އަދި ސ ހުޅުމީދޫ އެވެ.

މިގޮތުން ހދ. ކުޅުދުއްފުއްޓަށް 01 ޓެންޑަރ، 01 ފޯމް ޓެންޑަރ، ޅ.ނައިފަރަށް 01 ޓެންޑަރ، މާލޭ އަށް 01 ޓެންޑަރ، 02 ފޯމް ޓެންޑަރ، 01 ލެޑަރ ޓްރަކް، 01 ފަޔަރ ލާންޗް، ހުޅުމާލެއަށް 01 ޓެންޑަރ، 01 ފޯމް ޓެންޑަރ، 01 ލެޑަރ ޓްރަކް، 01 ފަޔަރ ލާންޗް، ވިލިމާލެއަށް 01 ޓެންޑަރ، ތިލަފުއްޓަށް - 01 ފޯމް ޓެންޑަރ، 01 ފަޔަރ ލޯންޗް، އދ.މާމިނގިލި އަށް 01 ޓެންޑަރ، ފ.ނިލަންދޫ އަށް 01 ޓެންޑަރ، ދ. ކުޑަހުވަދޫ އަށް 01 ޓެންޑަރ، 01 ފަޔަރ ލޯންޗް، ލ.ކައްދޫ އަށް 01 ޓެންޑަރ، 01 ފޯމް ޓެންޑަރ، ގދ. ތިނަދޫ އަށް 01 ޓެންޑަރ، 01 ފޯމް ޓެންޑަރ، 01 ފަޔަރ ލޯންޗް، ޏ. ފުވައްމުލަކަށް 01 ޓެންޑަރ، 01 ފޯމް ޓެންޑަރ، ސ.ހިތަދޫ އަށް 01 ޓެންޑަރ، 01 ފޯމް ޓެންޑަރ، |ސ ހުޅުމީދޫ އަށް 01 ޓެންޑަރ ހިމެނެއެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި މި ވެހިކަލްތަކުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ފަޔަރމަނުން ހަރަކާތްތެރިވުމަށް އިތުރު ކުރިއެރުން ލިބި، ހިނގާ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންހިފުމަށް އިތުރަށް މަގުފަހިވެގެން ދާނެއެވެ.

މި ވެހިކަލްތަކަކީ 5 ޑިސެންބަރު 2018 ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކުރި ވެހިކަލްތަކެކެވެ.


Video : 4th Indian Ocean Conference...