އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ ބޯޓެއް ހިފަހައްޓައިފި
07 އޮކްޓޯބަރ 2019 15:14

އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިމަހު 5 ވަނަ ދުވަހުގެ ރޭ، ބޭރުގެ ބޯޓެއް ހިފައްޓައިފިއެވެ.

މި ބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު (27.5 ނޯޓިކަލް މޭލު، ރާއްޖޭގެ އީއީޒެޑްގެ އެތެރެއިން) ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްދިޞާދީ ކަނޑުގެ ސަރަޙައްދުންނެވެ. މި ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، 2019  އޮކްޓޯބަރ 01 ވަނަ ދުވަހުއެވެ. މިގޮތުން ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ބޭރުގެ ބޯޓާއި، ރާއްޖޭގެ އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ ދޯންޏެއް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

މި އުޅަނދު މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ބޭރުގެ މި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާއިރު، މި އުޅަނދުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވެއެވެ. އަދި، މި އުޅަނދުގެ މައްސަލަ ތަހުޤީޤުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލެމުގެ ދަށަށް ގެނެވުނު ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެކެވެ. މި ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ. އަދި، ރާއްޖޭގެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ.


Video : 4th Indian Ocean Conference...