ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި "ވިކްޓްރީ ރަން" ބާއްވާގޮތަށް ހަމަޖެހިއްޖެ
01 ނޮވެމްބަރ 2019 07:05

ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި، އެމްއެންޑީއެފުން "ވިކްޓްރީ ރަން" ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މާދަމާ ހެނދުނު މާލޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ދުވުން ފެށޭނީ ހެނދުނު 6 ޖަހާއިރު ކަޅުތުއްކަލާކޮށިންނެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ، ކަޅުތުއްކަލާކޮށިން ނިކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށް ނިންމާ ގޮތަށެވެ.

"ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. އަދި ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދިއުމަށް ރާވާފައިވާ "ވިކްޓްރީ ރަން" އަކީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


Video : 4th Indian Ocean Conference...