ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ބަންޑުންޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވެއްޖެ
01 ނޮވެމްބަރ 2019 07:42

ގދ. ތިނަދޫއިން ފުރައިގެން ގދ. ގައްދޫއަށް ދަތުރުކުރި "އިބާ" ނަމަކަށް ކިޔާ 46 ފޫޓްގެ ދޯންޏެއް ގދ. އަމަރީ ހަވޮއްޑާ ރިސޯޓް ކައިރިއަށް ބަންޑުން ޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ ރިޕޯޓް ރޭ 22:21 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުމާއެކު ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓާއި ގދ.ތިނަދޫ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.

މި ދޯނި ބަންޑުން ޖަހާލައި ކަނޑުވި ދެ މީހުން ފެނިފައިވަނީ ބަންޑުން ޖަހާލި ދޯނީގެ ފަށަން މަތީ ތިއްބައެވެ. އަދި މި މީހުން ފެނުމާއެކު ގދ.ތިނަދޫ ސީއެމްބިއުލަންސްއަށް ވަނީ ނަގާފައެވެ. މި ދެ މީހުން ސީއެމްބިއުލަންސަށް ނެގިއިރުވެސް ހާލު ރަނގަޅެވެ. އަދި ބަންޑުން ޖަހާލި ދޯނި އޮތީ ގދ.ހައޮޑިގަލާގެ 0.78 ނޯޓިކަލް މޭލު ބޭރުން ބަނޑުން ޖަހާލާފައެވެ. މި ދޯނި ވަނީ އޮޔާ ނުދާނެހެން ނަގިލި ލައި އެސަރަޙައްދުގައި ބާއްވާފައެވެ. މި ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ދަނީ ކުރަމުންނެވެ.

ދެ ދިވެހިންނާއެކު ދަތުރުކުރި މިދޯނި ބަންޑުން ޖަހާލާފައިވާކަށް ބެލެވޭ ސަރަހައްދުން އެ ދޯންޏާއި މީހުން ހޯދުމުގެ މަސައްކަތުގައި ހާބަރކްރާފްޓާއި ސީ އެމްބިއުލާންސްގެ އިތުރުން އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް ލޯންޗެއް ވެސް ވަނީ ހަރަކާތްތެރިވެފައެވެ.


Video : 4th Indian Ocean Conference...