ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 ނޮވެމްބަރ 2019 11:19

ދިވެހިރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަޙައްދުގައި މިއަދު ހެނދުނު 06:30 ގައި ބޭއްވި ރަސްމިއްޔާތުގައި ދިދަޖަހައި ގާޑުމައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި ގާޑު މާއުންޓް ކުރުމުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއް އަރުވައި ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެވިފައެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް އައު ކުރުން އޮތެވެ. ސިފައިންގެ ޢަޒުމް އައު ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޝަހީދުންގެ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އެކިރޭންކުތަކުގެ ބޭކަލުންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖަހައި ގާޑު މައުންޓް ކުރިއިރު ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ޤާއިމްވެތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފައެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގައި ސިފައިން ފަތިސް ނަމާދަށް ޖަމާވެފައިވަނީ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ''އިސްލާމީ މަރުކަޒު'' އަށެވެ. ނަމާދަށްފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއް ވަނީ ކޮށްފައެވެ.


Video : 4th Indian Ocean Conference...