އެކްސަސައިޒް "ޖައްރާފާ 2019" ކާމިޔާބުކަމާއެކު ނިންމާލައިފި
08 ނޮވެމްބަރ 2019 18:06

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ ފަޔަރ އެކްސަސައިޒްގެ މިއަހަރުގެ ސިލްސިލާކަމުގައިވާ "ޖައްރާފާ 2019" މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ފައިނަލް އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ ހ.ފޯވިންޑުގައެވެ. މި އެކްސަސައިޒް ކުރިއަށްދިޔަ ވަގުތު އެކްސަސައިޒް ބައްލަވާލެއްވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ވަނީ އެ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ.

މި ބޭއްވުނު ފައިނަލް އެކްސަސައިޒްގައި ސަރުކާރުގެ އެކި ވުޒާރަތަކާއި އަމިއްލަ ބައެއް ޖަމްޢިއްޔާތަކުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ އާއި އައިޖީއެމްއެޗް އާއި އޭޑިކޭގެ އިތުރުން މޯލްޑީވްސް ރެޑް ކްރެސެންޓް ހިމެނެއެވެ. އަދި އެމްއެންޑީއެފުން މި އެކްސަސައިޒުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކުން ބައިވެރިވެފައިވެއެވެ.

މިމަހުގެ 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަޙައްދުގައި ކުރިއަށްގެންދިޔަ "އެކްސަސައިޒް ޖައްރާފާ" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ މާލޭ، ހުޅުމާލޭ، ތިލަފުށި އަދި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައެވެ. މީގެއިތުރުން އޭރިއާތަކުގައި ޤާއިމްކުރެވިފައިވާ ފަޔަރ ސްޓޭޝަންތަކުން މި އެކްސަސައިޒްގައި ބައިވެރިވުމުގެ ގޮތުން ފަޔަރ ސްޓޭޝަން ހުންނަ ރަށުގައި އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ އެކިއެކި ފަރިތަކުރުންތައް ވަނީ ބާއްވާފައެވެ.

އެކްސަސައިޒް ޖައްރާފާއަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަމަލުކުރަމުން އަންނަ "ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭން" ޓެސްޓްކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދެވޭ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންގައި ހިމެނޭ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޒިންމާއާއި މަސްޢޫލިއްޔަތުތަކާއި، އަލިފާންނިވާ މީހުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ތަކެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފަރިތަކޮށްފައިވެއެވެ.


Video : 4th Indian Ocean Conference...