ފަސްދޮޅަސް ފަސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
23 ނޮވެމްބަރ 2019 20:07

ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް  އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 65 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން އަލްއުސްތާޛާ މަރިޔާ އަޙްމަދު ދީދީ ވަނީ ލަޝްކަރު ބަލާ ފާސްކޮށްދެއްވައި ކޯހުގެ ދަރިވަރުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ދިވެހި އަސްކަރިއްޔާއަކީ ފައިޓިން ފިޓް ފޯސްއަކަށް ހެއްދެވުމަށް އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރައްވަމުންގެ ގެންދަވާ މަސައްކަތްފުޅު ފާހަގަކުރައްވައި ސިފައިންގެ ވެލްފެއަރ ކަންތައްތައް ރަނގަޅުކުރެއްވުމަށް ދެއްވަވާ އިސްކަމުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ސިފައިން އަދާކުރަމުންދާ ޤައުމީ މަސްޢޫލިއްޔަތުގެ މައްޗަށްވެސް އެކަމަނާ ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އަދި މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު، ވަނީ ކޯހުގެ ދަރިވަރުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ސިފައިންގެއަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އުނގެނުމާއި ތަމްރީނުގެ ތެރޭގައި މިއަދު ދަސްވެނިވި ސިފައިން، ސިފައިންގެ އިތުރު ތަމްރީނުތަކުގައި ޝާމިލުވުމުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށާއި ސިފައިންގެ ޤައުމީ ޒިންމާގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއެކު ދެމިތިބުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

މިރަސްމިއްޔާތުގައި ޝުކުރު އަދާކުރައްވައި ވާހަކަފުޅުދެއްކެވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ )ސީޑީއެސްއެސް(ގެ ޖެނެރަލް އޮފިސަރ ކޮމާންޑިން ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.

65  ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، އަދި ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް  ހާސިލްކޮށްފައި ވަނީ ޕްރައިވެޓް  މުޙައްމަދު ނަޒީޙްއެވެ. މިކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް ސަމޫޙު ޢަލީއެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލްކޮށްފައި ވަނީ ޕްރައިވެޓް މުޙައްމަދު ޒައިދާން ރިޔާޒްއެވެ.  އަދި މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ހޯދާފައި ވަނީ ޕްރައިވެޓް  އައިމިނަތު އާސިޔާއެވެ. މިކޯހުގެ އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް ފާތިމަތު  ޝަހުމާއެވެ. ކޯހުގެ ޗާލީ ޕްލެޓޫންގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ހުސައިން ނާޒިމްއެވެ. ޓެންގޯ ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ދާއިން އަދި ގޮލްފް ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އައްޒާމް ޢަބްދުއްރަޙްމާން ހޮވިފައިވާއިރު މައިކް ޕްލެޓޫންގެ އެއްވަނަ ދަރިވަކަށް ހޮވިފައިވަނީ ޕްރައިވެޓް އިބްރާހީމް އަޒްހާނެވެ. މުޅި ކޯހުން އެންމެ މޮޅު ޕްލެޓޫނަކަށް ހޮވިފައިވަނީ ޓެންގޯ ޕްލެޓޫނެވެ.

މިރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ޢަޒުމް ލައިދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް އިބްރާހީމް އަޝްރަފެވެ. މިރަސްމިއްޔާތު ނިމިގެން ދިޔައީ ސިފައިންގެ ލަވަ އާއި ޤައުމީ ސަލާމަށްފަހު 65 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ފާސްވެ ހިނގާދިޔުމުންނެވެ.

65 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް މިއަދު ދަސްވެނި ވެފައިވަނީ 143 ދަރިވަރުންނެވެ. އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.  އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ ސިފަވަންތަ އަޚްލާޤު  ރަނގަޅު އަދި އަމުރަށް ކިޔަމަންވާ ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.

މިކޯހުގައި އުނގަންނައިދެވުނު މާއްދާތަކުގެ ތެރޭގައި އަސްކަރީ ތާރީޚް، ސިފައިންގެ ގަވާއިދު، ސިފައިންގެ ކޯޑް އޮފް އެތިކްސް، ސިފައިންގެ ވެލިއުސް އެންޑް ކަސްޓަމްސް، ހެވިކަން، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ފީލްޑް ކްރާފްޓް އެންޑް ޓެކްޓިކްސް، އާންމު ޤާނޫނުތަކުގެ ތެރެއިން ބައެއް މުހިންމު ބައިތަކުގެ އިތުރުން ކުލޯސް ކޮމްބެޓްއާއި ޕަބްލިކް އޯޑަރ ޓްރޭނިންގ ވެސް ހިމެނެވެ.

65  ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.


Video : 4th Indian Ocean Conference...