އއ.ރަސްދޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހުކޮށްފި
27 ނޮވެމްބަރ 2019 00:39

އެމްއެންޑީއެފް މާލޭ އޭރިއާ އާއި އއ.ރަސްދޫ ކައުންސިލް އިދާރާއާ ގުޅިގެން ރަސްދޫގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެން "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އިފްތިތާހުކޮށްފިއެވެ

.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އއ.ރަސްދޫގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.  މިރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ އއ.ރަސްދޫ ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކުރައްވާފައެވެ. މި ޕަންޕް ސިސްޓަމް ރަސްދޫ ކައުންސިލާ ހަވާލުކޮށްދެއްވީ ވެސް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. ރަސްދޫ ކައުންސިލްގެ ފަރާތުން ޕަންޕް ސިސްޓަމާއި ހަވާލުވެލެއްވީ ރަސްދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޖަލީލު މޫސާ އެވެ.

ރަސްދޫގައި ހިންގުނު މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ހިންގުނު ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

2019 ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަށް އެރަށުގައި ހިނގި މި ޕްރޮގްރާމްގައި ޖުމްލަ 19 ފަރާތަކުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކުރައްވާފައި ވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ދައްކާފައެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ރަސްދޫއަށް ވަޑައިގެންނެވުމުން އެކަމަނާއަށް ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި  އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުއްރަޢޫފާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އއ.ރަސްދޫ ކައުންސިލްގެ މެމްބަރުންނާއި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.


Video : 4th Indian Ocean Conference...