އެމްއެންޑީއެފް ކޯސްޓުގާޑުން ހިންގި "އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގ 1-2019" ކާމިޔާބުކަމާއެކު ނިންމާލައިފި
27 ނޮވެމްބަރ 2019 12:04

އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި "އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގ 1-2019" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

އެމްއެންޑީއެފް ހުޅުމާލޭ ޕޯސްޓްގައި މިއަދު ހެނދުނު ބޭއްވި މި އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގައި ބައިވެރިވި ސިފައިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ. އަދި، އެކްސަސައިޒްގައި ބައިވެރިވި މުދައްރިބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި، ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިމަހުގެ 25 އިން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ފަރިތަކުރުންތަކުގައި، "ދަ އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޕޮލިޔުޝަން ފްރޮމް ޝިޕްސް (މާޕޯލް)" އާ ބެހޭގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، ކަނޑަށް އެޅޭ ތެލުގެ ބާވަތްތަކާއި، ކަނޑަށް ތެޔޮ އެޅުމުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، ކަނޑަށް އެޅޭ ތެޔޮ ކޮންޓެއިންމެންޓް ކުރާނެ ގޮތާއި، ރިކަވަރ ކުރާނެ ގޮތްތަކާއި، ކަނޑަށް އެޅޭ ތެޔޮ ރައްކާތެރިކަމާއެކު ނައްތާލުމަށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން ވެސް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ފަރިތަކުރުންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް މެރިންކޯގެ ސިފައިން ބައިވެރިވިއެވެ. މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ، އެ ދާއިރާއިން ތަމްރީނު ލިބިފައިތިބި ސިފައިންނެވެ.

މި އެކްސަސައިޒްގެ އޮބްޒާވަރުންގެ ގޮތުގައި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި، މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މި ފަރިތަކުރުންތަކުގެ ފައިނަލް އެކްސަސައިޒް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤްގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމާއި، ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.


Video : 4th Indian Ocean Conference...