ކޯސްޓްގާޑްގެ ޚިދުމަތަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި
01 ޖެނުއަރީ 2020 04:51

އެމްއެންޑީއެފް ކޯސްޓްގާޑްގެ  ޚިދުމަތަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފެދުނީ ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތަޢާރަފްކުރި ތާރީޚް ކަމުގައިވާ 1980 ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ޚިދުމަތް  އެދުވަހު ފައްޓަވާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާއެކުގައެވެ.

ދިވެހިރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރައްދު ހިޔާމަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މުހިންމު އެއް މަސައްކަތެވެ. ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދީ އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމުގައި ވަކި މޫސުމަށް ބެލުމެއްނެތި ސައުވީސް ގަޑިއިރު ރައްޔިތުންނަށް އެހީތެރިވުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ.

އެމްއެންޑީއެފް ކޯސްތްގާޑުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އަހަރު ދުވަހަށް ބަހާލައިގެން ކޯސްޓްގާޑުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެމްްއެންޑީއެފް ކޯސްޓްގާޑުން ހިންގުމަށް ހަމަޖެހިފައިވާ  އިޖްތިމާޢީ ހަރަކާތްތަކުގެ ތެރޭގައި ލޭ ހަދިޔާކުރުމާއި، ފަޅު ސާފުކުރުމާއި ބީޗް ސާފުކުރުމުގެ އިތުރުން މުރަކަ އިންދުމުގެ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވަނީ ރަސްމިއްޔާތުގައި ބައިވެރިވި ކޯސްޓްގާޑްގެ ސިފައިންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ކޯސްޓްގާޑްގެ ކޮމަންޑާންޓްގެ ވާހަކަފުޅަށްފަހު މި ރަސްމިއްޔާތުގައި ދުވަހާއި ގުޅޭގޮތުން ޚާާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. މިރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ވަނީ ޤައުމީ ސަލާމް ކިޔާފައެވެ.

މި ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެލައްވާފައެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައިންނެވެ.


Video : 4th Indian Ocean Conference...