ފަރަށް އެރި ދޯންޏަކުން މީހަކު ގެއްލިގެން އެމްއެންޑީއެފް މާލޭ އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
06 ޖެނުއަރީ 2020 17:23

ކ.ކަގި ކައިރިއަށް ފަރަށް އެރި "ޓީޓީއެސް ފާނަ" ނަމަކަށް ކިޔާ ދޯނިން މީހަކު ގެއްލިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިމަހު 6 ވަނަ ދުވަހު ހެނދުނު 08:09 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ދޯނި ފަރަށް އެރި އިރު ދޯނީގައި ތިބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 37 އަހަރުގެ މުޙައްމަދު ޔޫސުފް، ހަވީރީ ނާޒް/ހދ.ކުޅުދުއްފުށި އެވެ.

ގެއްލުނު މީހާ ހޯދުމަށްޓަކައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އެފްއައިސީ ވެލާނާ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައިވާއިރު ޑައިވަރުން ކުރި ފުރަތަމަ ޑައިވްގައި މާސްއަކާއި ބޯކްސަރ ފާޑުގެ ސޯޓެއް ފެނިފައިވެއެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.


Video : 4th Indian Ocean Conference...