ގެއްލިގެން ހޯދާ ޑިންގީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންނަށް ފެނިއްޖެ
07 ޖެނުއަރީ 2020 15:02

މިމަހުގެ 3 ވަނަ ދުވަހު، ބ.ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިގެން ހޯދާ ނަޞްރުﷲ ޢަބްދުﷲ 41، އިން ޑިންގީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންނަށް މިއަދު ފެނިއްޖެއެވެ.

ޑައިވަރުންނަށް އެ ޑިންގީ ފެނިފައިވަނީ، ނަޞްރުﷲ ޢަބްދުﷲ ހޯދުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން ހުއްޓުމެއްނެތި ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގައި، ބ. ދޮންފަނާއި ބ.އަނގަފަރާ ދޭތެރޭ ކަނޑުއޮޅިން ގާތްގަނޑަކަށް 40 މީޓަރު އަޑީގައި އޮއްވައި ދޮންފަނުގެ ހުޅަނގުން 0.35 ނޯޓިކަލް މޭލު ބޭރުން ފަރާ ކައިރިން، މިއަދު ހެނދުނު 10 ޖަހާކަންހާއިރުއެވެ. އަދި، ޑިންގީގެ ބައިތަކެއް ކަމަށް ބެލެވޭ އިންޖީނު ކަވަރުގެ ބައިތަކެއް އެސަރަޙައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން މިއަދު ނަގާފައެވެ.

ކަނޑުމަތީގެ މި އެކްސިޑެންޓްގައި ގެއްލުނު، ބ.އޭދަފުށީ މުސްތަރީގޭ ނަޞްރުﷲ ޢަބްދުﷲ، 41، ހޯދުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން މިދިޔަ ހުކުރު ދުވަހުން ފެށިގެން ހުއްޓުމެއްނެތި ދަނީ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. ނަމަވެސް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން ކުރިއަށްގެންދާ އޮޕަރޭޝަންގައި، މިހާތަނަށް އޭނާ ފެނިފައެއް ނުވެއެވެ.

މިއޮޕަރޭޝަންގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުގެ ސަރފޭސް އޭރިއާ ބަލަމުންދާއިރު، ކޯސްޓްގާޑުގެ ޑައިވަރުން ދަނީ އެސަރަޙައްދުގައި ފީނައިގެން ނަޞްރުﷲ ޢަބްދުﷲ ހޯދުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވައިގެ މަގުން އެމްއެންޑީއެފް ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލަމުންދާއިރު، ރިމޯޓްލީ އޮޕަރޭޓެޑް ވެހިކަލް (ޑައިވިންގ ރޮބޮޓް) ބޭނުންކޮށްގެން ކަނޑުގެ އަޑި ދަނީ ބަލަމުންނެވެ. ސިފައިން ކުރަމުންދާ މަސައްކަތުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުތަކުގެ އިތުރުން، އެ ސަރަޙައްދުގެ އެކި ރަށްރަށުންނާއި ރިސޯޓުތަކުގެ އުޅަނދުފަހަރު ވެސް ހަރަކާތްތެރިވަމުންދެއެވެ.


Video : 4th Indian Ocean Conference...