ފަރަށް އެރި ދޯނިން ގެއްލުނު މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ސަރަޙައްދުން ބައެއް ތަކެތި ހޯދައިފި
09 ޖެނުއަރީ 2020 17:37

ކ.ކަގި ކައިރިއަށް ފަރަށް އެރި "ޓީޓީއެސް ފާނަ" ދޯނިން ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގައި އެސަރަޙައްދު ބަލައިފާސްކުރި އިރު ބައެއް ތަކެތި ހޯދައިފިއެވެ.

މިމަހު 06 ވަނަ ދުވަހު މި ދޯނިން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ދޯނީގެ ކެޕްޓަން ކަމަށްވާ އުމުރުން 37 އަހަރުގެ މުޙައްމަދު ޔޫސުފް، ހަވީރީ ނާޒް/ހދ.ކުޅުދުއްފުށި އެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން މިއަދު ފެނިފައިވަނީ ތުވާއްޔަކާއި ޑަސްބިން ކޮތަޅަކަށްލާފައިވާ ވަޅިއަކާއި ބައެއް އިލެކްޓްރޯނިކް ސާމާނެވެ. މީގެ ތެރެއިން ތުވާލި ފެނިފައިވަނީ ކަނޑު 48 މީޓަރު އަޑިންނެވެ. އަދި ޑަސްބިން ކޮތަޅަކަށްލާފައިވާ ވަޅިއަކާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފެނިފައިވަނީ 41 މީޓަރު އަޑިންނެވެ.

މި ފެނުނު ތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މި ދޯނިން ގެއްލުނު މީހާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ސަރަޙައްދު ކަނޑާއި ވައިގެ މަގުން ބަލަމުންނެވެ. އަދި މިއަދާ ހަމައަށް ކުރި މަސައްކަތުން އެމީހާ ފެނިފައެއް ނުވެއެވެ.


Video : 4th Indian Ocean Conference...