އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ހަފުލާގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގަންނަވައިފި
28 ޖެނުއަރީ 2020 10:49

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ހަފުލާގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އަހަރީ ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށް އިއްޔެ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް، އެ އޭރިއާއަށް ވަޑައިގެންނެވުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒްއިން އެބޭފުޅުންނަށް މަރުހަބާ ދެންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި، އެ އޭރިއާގެ އޮފިސަރުންނާއި ސިފައިންނެވެ. އަދި، ޑިފެންސް މިނިސްޓަރުގެ ޝަރަފުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކްއޯޓަރޒްއަށް ވަޑައިގެން ޑިފެންސް މިނިސްޓަރ، ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރޭ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ. ކައްދޫގައި ބޭއްވި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ، ޑިފެންސް މިނިސްޓަރ، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ. މި ހަފުލާގައި، ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭގެ އިތުރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ ސިފައިންގެ ތެރެއިން، ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ސިފައިންނަށާއި، އެކި ގޮތްގޮތުން އޭރިއާއަށް ރީތި ނަން ހޯދާފައިވާ ސިފައިންނަށް، މި ހަފުލާގައި ވަނީ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ އާންމު މުވައްޒަފުންގެ ތެރެއިން އޭރިއާގައި 25 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ހަފުލާގައި ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ހަފުލާގައި، ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި، އެމްއެންޑީއެފްގެ ބައެއް ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، ލ.އަތޮޅުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޚިދުމަތް ފަށާފައިވަނީ 1993 ނޮވެމްބަރ 25 ވަނަ ދުވަހު، "ރީޖަނަލް ހެޑްކްއޯޓަރޒް - ލ.ކައްދޫ" ގެ ނަމުގައެވެ.


Video : 4th Indian Ocean Conference...