ބުރަފަތި ފެއިލްވެ ހާލުގައި ޖެހުނު ދޯންޏަކަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފި
31 ޖެނުއަރީ 2020 12:21

މާލެއިން ފުރައިގެން ޏ.ފުވައްމުލަކަށް ދަތުރުކުރި މުދާއުފުލާ ދޯންޏެއްގެ ބުރަފަތި ފެއިލްވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

1200 އަށްވުރެ ގިނަ ގޯނީގެ ކާޑުގެ ބާވަތްތައް ބަރުކޮށްގެން، ދަތުރުކުރި "ސްޓާރ ވަން" ނަމަކަށް ކިޔާ މި ދޯނީގެ ބުރަފަތި ފެއިލްވެ ހާލުގައި ޖެހުމާއެކު، އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ދީފައިވަނީ ރޭ (ޖަނަވަރީ 31 ވަނަ ދުވަހުގެރޭ) 01:18 ހާއިރުއެވެ. އޭރު 4 މީހުންނާއެކު ދަތުރުކުރި އެ ދޯނި އޮތީ ގއ. ވިލިގިއްޔާ 10 މޭލު ބޭރުގައެވެ. އެހެންކަމުން، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސީ އެމްބިޔުލަންސް ލޯންޗު އެ ސަރަޙައްދަށް ގޮސްފައިވެއެވެ. އަދި، "ސްޓާރ ވަން" ދޯނި ކަފުޖަހާނެ އުޅަނދެއް އެ ދޯނީގެ ވެރިފަރާތުން ފޮނުވަންދެން، އެ ސަރަހައްދު ލޮކޭޓްކޮށްދިނުމުގައި ސީއެމްބިޔުލަންސް ލޯންޗުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގައި ކަފުޖަހައިގެން، މި ދޯނި މިއަދު ހެނދުނު 08:50 ހާއިރު މިހާރު ވަނީ ގއ. މާމެންދޫ ބަނދަރަށް ވައްދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. މި ދޯނީގައި ތިބީ ދެ ދިވެހިންނާއި ބަނގުލަދޭޝްގެ ދެ މީހުންނެވެ.


Video : 4th Indian Ocean Conference...