ޑިކޯވި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
09 ފެބްރުއަރީ 2020 10:33

މަސްވެރިކަން ކުރަން އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނަން ފޭބި މީހަކު ޑިކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ދިވެއްސަކު ޑިކޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:20 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ، 20 މިނެޓް ވާންދެން 50 މީޓަރުގައި މިއަދު ޑައިވްކޮށްފައެވެ. މި ހާދިސާ ހިނގި އިރު، އެ ދޯނި އޮތީ ގދ. ގައްދޫއާ 13 މޭލު ބޭރުގައެވެ.

މި މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާ އެކު، ގދ.ގައްދޫ ބަނދަރުގައި އޮތް ސީއެމްބިޔުލާންސް ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ. އަދި، އެ ދޯނީގައި އޮތް ބަލި މީހާ ނަގައިގެން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެމީހާ ގެންދިޔުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. ސީއެމްބިޔުލާންސަށް ގދ.ތިނަދޫ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު ހެނދުނު 10:50 ހާއިރުއެވެ.


Video : 4th Indian Ocean Conference...