އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފުން އއ.މަތިވެރީގައި ހަރަކާތްތަކެއް ހިންގައިފި
07 މާރޗް 2020 19:14

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފުން އއ.މަތިވެރީގައި ހަރަކާތްތަކެއް މިއަދު ހިންގައިފިއެވެ.

އެމްއެންޑީއެފް މާލެ އޭރިއާ އާއި އއ.މަތިވެރި ކައުންސިލް ގުޅިގެން މިއަދު އއ.މަތިވެރީގައި ހިންގި ހަރަކާތްތަކުގެ ތެރޭގައ ސިފައިންގެ އަންހެން ޑޮކްޓަރުން ބަލިމީހުން ބެއްލެވުމާއި، އެރަށު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތަކާއި، މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއް ކަމުގައިވާ "ކޮވިޑް19" އަށް ހޭލުންތެރި ކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ހިންގާފައެވެ. އަދި މަތިވެރިން ހޮވާލެވުނު އަންހެން ޓީމަކާއި އަންހެން ސިފައިންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ހޭންޑް ބޯލް މެޗެއް ވަނީ ކުޅެފައެވެ. މި މެޗް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ހިންގި ހަރަކާތްތަކުގެ ތެރެއިން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދީފައިވަނީ ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރ ފަސްޓް ލެފްޓިނެންޓް ޑރ. ތޫހާ ސަޢީދު އަދި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ ފަސްޓް ލެފްޓިނެންޓް ޑރ.ޝިފްލާ އަބްދުލް ލަތީފްއެވެ. މި ދެ ޑޮކްޓަރުންނަކީވެސް އެމްއެންޑީއެފް ސެނެހިޔަރ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އަންހެން ސިފައިންގެ ދެ ބޭކަނބަލުންނެވެ.

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އއ މަތިވެރި ކައުންސިލާއި އެމްއެންޑީއެފުން ގުޅިގެން މަތިވެރީގައި މި ހިންގި ހަރަކާތްތަކުގައި އެރަށުގެ ގިނައަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.


Video : 4th Indian Ocean Conference...