އއ.އުކުޅަހުގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހުކޮށްފި
08 މާރޗް 2020 13:54

އެމްއެންޑީއެފް މާލޭ އޭރިއާ އާއި އއ.އުކުޅަހު ކައުންސިލް އިދާރާއާ ގުޅިގެން އުކުޅަހުގައި ހިންގި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެން "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އިފްތިތާހުކޮށްފިއެވެ.

ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އއ.އުކުޅަހުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

 މިރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ އއ.އުކުޅަހު ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކުރައްވާފައެވެ. މި ޕަންޕް ސިސްޓަމް އުކުޅަހު ކައުންސިލާ ހަވާލުކޮށްދެއްވީ ވެސް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އުކުޅަހު ކައުންސިލްގެ ފަރާތުން ޕަންޕް ސިސްޓަމާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޝައުކަތު އިބްރާހީމެވެ.

އުކުޅަހުގައި ހިންގުނު މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ހިންގުނު ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

2020 ފެބުރުވަރީ 29 ން މާރިޗު 05 ވަނަ ދުވަހުގެ ނިޔަލަށް އެރަށުގައި ހިންގި މި ޕްރޮގްރާމްގައި ޖުމްލަ 15 ފަރާތަކުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކުރައްވާފައި ވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ދައްކާފައެވެ

.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި  އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަޙްމަދު ޢިޔާޞްއާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އއ.އުކުޅަހު ކައުންސިލްގެ މެމްބަރުންނާއި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.


Video : 4th Indian Ocean Conference...