އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ޔަޢުޤޫބް އަޙްމަދު ނިޔާވެއްޖެ
09 މާރޗް 2020 22:11

އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ޔަޢުޤޫބް އަޙްމަދު އޭނާގެ ޑިއުޓީ އޮފް ގަޑީގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި މިއަދު ހަވީރު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2 ގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް ޔަޢުޤޫބް އަޙްމަދު ފީނަން ފޭބިފަހުން ޚަބަރެއް ނުވެގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 1755 ހާއިރުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންނަށް ސްޓާފް ސާޖަންޓް ޔަޢުޤޫބް އަޙްމަދު ފެނިފައިވަނީ ކަނޑުގެ 20 މީޓަރު އަޑިން މިރޭ 18:28 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހަވީރު 17:55 ހާއިރުއެވެ. ސްޓާފް ސާޖަންޓް ޔައުޤޫބް އަޙްމަދު ފީނަން ގޮސްފައިވަނީ އޭނާއާއެކު އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2 ގައި މަސައްކަތްކުރައްވާ ސިފައިންގެ 3 ބޭކަލަކާއެކުއެވެ.

ގދ.ހޯނޑެއްދޫއަށް އުފަން އުމުރުން 33 އަހަރުގެ، ސްޓާފް ސާޖަންޓް ޔަޢުޤޫބް އަޙްމަދު ސިފައިންގެ ޚިދުމަތާއި ގުޅިލެއްވީ 14 ސެޕްޓެމްބަރ 2006 ވަނަ އަހަރުއެވެ.

ސިފައިންގެ ޚިދުމަތުގައި ސްޓާފް ސާޖަންޓް ޔައުޤޫބަށް ލިބިލައްވާފައިވާ ޝަރަފުގެ ނިޝާނާއި މެޑެލި ތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ކާމިޔާބުގެ ކުލަ ދެވަނަ ފަހަރަށް އަދި އަޙްލާގީ ކުލަ ދެވަނަ ފަހަރަށްވަނީ ލިބިލައްވާފައެވެ. ސިފައިންގެ ޚިދުމަތުގައި ސްޓާފް ސާޖަންޓް ޔައުޤޫބަށް ލިބިލައްވާފައިވާ މެޑެލި ތަކަކީ، 17 ވަނަ ސާކްސަމިޓް މެޑެލް އަދި މިނިވަން 50ގެ މެޑައްޔެވެ.

ސްޓާފް ސާޖަންޓް ޔައުޤޫބް ފުރިހަމަކޮށްފައިވާ ތަމްރީނުތަކުގެ ތެރޭގައި، ސިފައިންގެ 49 ވަނަ އަސާސީ ތަމްރީނު ކޯސް، 21 ވަނަ ސްޕެޝަލް ޓާސްކް ފޯސް ޓްރެއިނިންގ، މެރިންކޯ އެޑްވާންސް ކޯސް، ކޯޕްރަލް ކޯސް އަދި ސާޖަންޓް ކޯސް، ވަނީ ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން އެތުލެޓިކްސްގެ ދާއިރާއިން އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަންސް (އައިއެފްއެފް) ކޯޗިންގ ކޯސް ލެވެލް އެކަކާއި، އިންފޮމޭޝަން ޓެކްނޮލިޖީ އިން ސެޓްފިކެޓް 2 ހާޞިލްކުރައްވާފައިވެއެވެ. އަދި އެމެޖެންސީ ރެސްޕޮސްޑަރ ކޯހާއި ޑިޖަލް އަންޑަރވޯޓަރ ފޮޓޯގްރާފީ ސްޕެޝިލިޓީ ކޯހާއި އޯޕަން ވޯޓަރ ޑައިވިންގ އަދި އެޑްވާންސް ޑައިވް މާސްޓަރ ކޯހުގެ އިތުރުން ރެސްކިއު ޑައިވިންގ ކޯސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ސްޓާފް ސާޖަންޓް ޔައުޤޫބް އަޙްމަދު ނިޔާވިއިރު އަންބަކާއި 6 އަހަރުގެ އަންހެން ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.


Video : 4th Indian Ocean Conference...