ފަރު މަސްވެރިކަން ކުރަންއުޅުނު ދޯންޏެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި
18 މާރޗް 2020 22:33

ފަރު މަސްވެރިކަން ކުރަންއުޅުނު "އަލްމަސް" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފަސް ދިވެހިންނާއެކު ދަތުރުކުރި މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 15:20 ހާއިރުއެވެ. މި ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 15 ވީ އާދީއްތަ ދުވަހު 09:50 ހާއިރު ވ.އަތޮޅު ތެރޭގައި އޮތްވައިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މައުލޫމާތު ލިބިފައެވެ. މިދޯންޏަކީ ދިގުމިނުގައި 35 ފޫޓް ހުރި ބޭރުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ، ބޭރުގައިރަތް ކުލައިގެ ރޮނގެއް ދަމާފައި އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މި ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑުއެދުމެކެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވުން އެދެމެވެ.


Video : 4th Indian Ocean Conference...