ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީއަކު ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
07 އޭޕްރީލް 2020 15:50

ށ.އަތޮޅުގައި ހިނގަމުންގެންދާ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕަރ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު މޫދަށް ފުންމާލި ފަހުން ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ 22:13 ހާއިރުއެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ގެންލިގެން ހޯދަމުންދަނީ އިންޑިޔާއަށް ނިޞްބަތްވާ އުމުރުން 30 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި މީހާއަކީ، އެރިސޯޓުގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އެ ރިސޯޓުގެ ސީސީޓީވީ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި މި މީހާ މޫދަށް ފުންމާލާފައިވަނީ އެރިސޯޓުގެ ސަޕްލައި ޖެޓީ މަތިން، ފޯނެއްގައި ވާހަކަ ދައްކަން ހުރުމަށްފަހުގައެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންނާއި އެރިސޯޓުގެ ސްނޯކްލިންގ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

 ޚަބަރެއް ނުވެގެން ހޯދަމުންދާ މީހާ އެންމެ ފަހުން ލައިގެން ހުރީ ހުދު ކުލައިގެ ކުރުތާއަކާއި އަޅިކުލައިގެ ފަޓްލޫނެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައި ވެއެވެ. މީނާއާ ބެހޭ އެއްވެސް ޚަބަރެއްވޭތޯ މިސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި މިހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދެމެވެ.  އަދި މީނާއާ ބެހޭ އެއްވެސް މަޢުލުމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި ދެއްވުން އެދެމެވެ.


Video : 4th Indian Ocean Conference...