އެމްއެންޑީއެފް ފަޔަރ ޓްރޭނިންގ ސްކޫލްގެ ތަމްރީނުތަކުގައި ބޭނުން ކުރުމަށް ލައިވް ފަޔަރ ސެމިއުލޭޓަރއެއް ފަރުމާކޮށްފި
26 މެއި 2020 17:54

ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓްރޭނިންގ ސްކޫލްގައި ހިންގާ އެކިއެކިތަމްރީނުތަކުގައި ބޭނުން ކުރުމަށް ލައިވް ފަޔަރ ސެމިއުލޭޓަރއެއް ފަރުމާކޮށް އެ ސެމިއުލޭޓަރ ބޭނުންކުރަން ފަށައިފިއެވެ.

ތިން މަސްދުވަހުގެ ބުރަ މަސައްކަތުން ހަދާފައިވާ މި ލައިވް ފަޔަރ ސެމިއުލޭޓަރއަކީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިންގެ އަމިއްލަ އުފެއްދުމެކެވެ. މި ލައިވް ފަޔަރ ސެމިއުލޭޓަރ ބޭނުންކޮށްގެން އެ ޓްރޭނިންގ ސްކޫލްގައި ހިންގާ ތަމްރީނުތަކުގައި ފަޔަރ ފައިޓަރުންނަށް ބޭނުންވާ ތިން ސްކިލް ކަމަށްވާ ފަޔަރ ބިހޭވިއަރ އާއި ވެންޓިލޭޝަންގެ އިތުރުން އެންޓްރީ ޓެކްނިކްސް ކިޔަވާދެވޭނެއެވެ.

މި ސެމިއުލޭޓަރ ފަރުމާކުރެވިފައި ވަނީ ތަމްރީނުދޭ މުދައްރިބު އޭގެ ތެރޭގައި ހުރެގެން ތެލާއި އަދި ގޭހުގައިވެސް އަލިފާން ރޯކޮށް، އެ ރޯކުރާ އަލިފާން އެކި މިންވަރަށް ބޮޑުކޮށް އަދި ކުޑަކޮށް ހަދައި ދަރިވަރުންނަށް އޭގެ ތަފާތު ދައްކާލެވޭގޮތަށެެވެ. މި ސެމިއުލޭޓަރ އަކީ ވަރަށް ބައިވަރު ފަހަރު އަލިފާން ރޯކޮށްގެން ލޭޔަރ ފޯމްކުރަންޖެހޭ އެއްޗަކަށްވާތީ މި ސެމިއުލޭޓަރ ހެދުމުގެ މަރުހަލާގައި ވަރަށް ގިނަ ޓެސްޓްތައް ވަނީ ކުރެވިފައެވެ.

މި ލައިވް ފަޔަރ ސެމިއުލޭޓަރ ބޭނުން ކުރަން ފެށުމަށް ވިލިމާލޭގައި ހުންނަ ފަޔަރ އެންްޑް ރެސްކިއު ޓްރޭނިންގ ސްކޫލްގައި މިމަހުގެ 26 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދީފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހީމް އެވެ. މިރަސްމިއްޔާތުގައި އެ ސެމިއުލޭޓަރ ބޭނުންކުރާނެ ގޮތުގެ ތަމްރީނެއް ވެސް ވަނީ ދައްކާލާފައެވެ.


Video : 4th Indian Ocean Conference...