ދަގަނޑު ބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކުރަން
06 ޖުލައި 2020 18:25

މާލެ އިން ފުރައިގެން ހއ.ދޮނަކުޅިއަށް މުދާ ހިފައިގެން  ދަތުރުކުރި "ފަތޮޅު" ބޯޓް ކ. ކާށިދޫގެ އުތުރުން 10 ނޯޓިކަލް މޭލުން ބޯޓް  ބަނޑުން ޖަހާލައި، އެބޯޓް އޮޔާ ދާތީ އެސަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

މިއަދު މެންދުރު 12:19 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން ބޯޓުން ދަތުރުކުރި ފަސްމީހުން ކަނޑުވުމާއި ގުޅިގެން މިއަދު 14:20 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެމީހުން ސަލާމަތް ކުރުމަށްފަހު ޅ.މާފިލާފުއްޓަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް  ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަނޑުންޖަހާލާފައިވާ ބޯޓް އޮޔާ ގެންދަނީ އިރު އުތުރަށް ވާގޮތަށެވެ. ވީމާ، މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ހާދިސާތަށް އަންނަނީ ހިނގަމުންނެވެ. މިގޮތުން އުޅަނދު ފަހަރަށް ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލައިގެން އެކި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ދަނީ ލިބެމުންނެވެ.

 ވީމާ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށާއި މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ. މިގޮތުން ދަތުރުކުރާ ފަރާތްތަކުން އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި އަދި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވަމެވެ. އަދި ޚާއްސަކޮށް ކުދި އުޅަނދަފަހަރުގައި ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ދަންނަވަމެވެ.

ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ.


Video : 4th Indian Ocean Conference...