އދ.މަންދޫއަށް ދަތުރުކުރި ދޯންޏަކުން މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
17 ޖުލައި 2020 05:39

މާލެއިން ފުރައިގެން އދ.މަންދޫއަށް ދަތުރުކުރި "ރަންތަރި" ދޯނިން ދަތުރުކުރި މީހަކު ގެއްލިގެން މީނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ 2020 ޖުލައި 17 ވަނަ ދުވަހުގެ މެންދަމު 02:10 ހާއިރުއެވެ. ރަށުގެ ނެރުން ދޯނި ވަންއިރުވެސް މީނާ ދޯނީގައި ހުރިކަމަށާއި ނަމަވެސް ފާލަމާ ކައިރިކުރިއިރު މީނާ ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މިހާދިސާގައި ހޯދަމުންދަނީ އދ.މަންދޫ، ރަތްވިލާގެ، އުމުރުން 27 އަހަރުގެ ޢަލީ ޝާހު އެވެ. މީނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ.


Video : 4th Indian Ocean Conference...